Saturday 6 April 2013

ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުމީހާއަށް!



ފަތުރުވެރިކަން ދިރުވައި އާލާކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ފަތުރުވެރިކަމާ، އެކަމާގުޅިފައިވާ އެހެނިހެން އިޤްތިޞާދީ ޙަރަކާތްތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމެވެ. މިކަންކުރެވޭނީ ފަތުރުވެރިކަމުގެ ޒަރީޢާއިން ވަޒީފާގެ ފުރުޞަތުތަކާއި، ޤައުމަށް ވަންނަ އަދި ދައުރުވާ ބޭރުގެ ފައިސާގެ މިންވަރު އިތުރުކޮށްގެންނާއި، ރައްޔިތުންނަށް ލިބޭ އާމުދަނީ އިތުރުކޮށްގެންނެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމާބެހޭ މާހިރުން ވިދާޅުވާގޮތުން، ފަތުރުވެރިކަމުގެ ޙަރަކާތްތަކުގައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނަމަ، އަދި ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ހަމަހަކަމާއެކުނުލިބޭނަމަ، ފަތުރުވެރިކަމުގެ ކާމިޔާބީއާއިމެދު ސުވާލުއުފައްދާނޭ ޖާގައޮންނާނެއެވެ. މިއުޞޫލުން ބަލާއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީއާމެދު ސުވާލުއުފެއްދިދާނެއެވެ. 

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރު ފުރިގެންދާއިރު، މިފެންނަނީ މަދުދިވެހިންކޮޅަކާއި، ބޭރުގެ ފަރާތްތައް އެދާއިރާ ކޮންޓްރޯލްކުރަމުންދާތަނެވެ. ދާދިފަހަކާއި ޖެހެންދެން ރިސޯރޓްތައް ޤާއިމްކުރެވިފައިވަނީ މާލެއަތޮޅާއި، މާލެއާއިކައިރި އަތޮޅުތަކުގައެވެ. ރިސޯރޓްތަކުގެ ވަޒީފާތައް ދިވެހިންނަށްވުރެ ބިދޭންސީންނަށް ފައްސެވެ. އަދި ބައެއް ރިސޯރޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ލިބޭ ޚިދްމަތްތަކަށްވުރެ ރަނގަޅު ފެންވަރުގެ ޚިދްމަތްތައް ބިދޭސީންނަށް ލިބެއެވެ. ރިސޯރޓްތަކަށް ލިބޭ ފައިދާއާއި، މުވައްޒަފުންކުރާ މަސައްކަތާއަޅާބަލާއިރު، މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބެއެވެ. ރިސޯރޓްތަކުގެ ވަށައިގެންވާ މީހުން ދިރިއުޅޭ ރަށްރަށަށް ރިސޯރޓްތަކުން އެކަށީގެންވާވަރަށް އަޅާލާ، އެރަށްރަށުގެ ތަރައްޤީގެ ބައިވރިންގެ ގޮތުގައި ރިސޯރޓްތައް ޙަރަކާތްތެރިވާތަނެއް ނުފެނެއެވެ. ބައެއް ރިސޯރޓްތަކަށް ވަންނަ ބޭރުފައިސާ އެންމެ ސިކުންތަކުވެސް ރާއްޖޭގައި ހަރުނުލާ ސީދާގޮތެއްގައި ދަނީ ބޭރަށެވެ. ވީމާ، ހަމަ ޔަޤީނުންވެސް ރިސޯރޓްތައް ހިންގައިގެނެއް ފަތުރުވެރިކަމުގެ އިޤްތިޞާދީ ފައިދާ އެންމެނަކަށް ނުލިބެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އދާކުރާނޭކަމަކެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީވުމުގައި މުހިންމު ދައުރެއް އަދާކުރާނޭކަމެއްވެސްމެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހިންގުން ހުއްދަކުރެވުނުފަހުން މިވޭތިވެ ދިޔަ ދެތިން އަހަރުދުވަހުގެ ތެރޭގައި 20 ރަށެއްގައި ރަޖިސްޓްރީކޮށްގެން ހިންގާ 91 ގެސްޓްހައުސް އެބަހުރިކަމަށްވެއެވެ. މީގެ ތެރެއިން އެއްރަށުގައި މިހާރުވެސް 274 އެނދު އެބަހުއްޓެވެ. އަދި މިއަހަރު ނިމޭއިރު އެރަށުގައި އެކަނި 438 އެނދު ހުންނާނޭކަމަށް ލަފާކުރެވެއެވެ. ރާއްޖޭގައި ހިންގާ ބޮޑު ރިސޯރޓެއްގައިވެސް އެނދު ހުންނާނީ މިހައިކަށްވަރަށެވެ. މީގެ ނަތީޖާއަކީ، ގެސްޓް ހައުސްތަކުގެ ސަބަބުން ރަށްރަށުގައި ވަޒީފާތަކާއި، އަދި އެހެނިހެން ތަފާތު ކުދި ވިޔަފާރިތައް ހުޅުވިގެން ދިޔުމެވެ. ރަށްރަށުގައި ދިރިއުޅޭ އެންމެ އާދައިގެ ރައްޔިތުމީހާއާ ހަމައަށްވެސް ޑޮލަރު ވާޞިލުވުމެވެ.

ނަމަވެސް، ގިނަ ގެސްޓްހައުސްތައްވެސް ޤާއިމްކުރެވޭތަން އަދި މިފެންނަނީ މާލެއާއި ކައިރި ހިސާބުތަކުގައެވެ. ވީމާ، ހަމަހަމަކަމާއެކު ފަތުރުވެރިކަމުގައި ރައްޔިތުން ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ފަތުރުވެރިކަމުގެ ފައިދާ ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުވާދިނުމުގައި ދަތިތަކެއް އެބަހުއްޓެވެ. ގެސްޓް ހައުސް ހިންގުމުގެ ސިޔާސަތުތަކުގެ ތެރެއިން މިކަމަށް މަގުފަހިކޮށްދޭންޖެހެއެވެ. މިސާލަކަށް، މިއިޤްތިޞާދީ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނޭގޮތް ހެދުމަށް މި ވިޔަފާރިއާގުޅޭ އެންމެހާ ކަންކަން އިތުރަށް ހަރުދަނާކުރަންޖެހެއެވެ. މިސާލަކަށް، ހއ. އަތޮޅުގެ ތުރާކުނުގައި ގެސްޓް ހައުސެއް ހަދާ ހިންގާނަމަ، އެތަނަށް ގެސްޓަކު ދިޔުމަށް ކުރަންޖެހޭ ދަތުރު ފަތުރުގެ ޚަރަދު ބޮޑުކަމުން އެއީ ކުރެވޭވަރުގެ ކަމަކަށްނުވެދާނެއެވެ. އެއީ، ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިންގެ ޓިކެޓަށް ދެގުނަ ޚަރަދުކުރަންޖެހުން ފަދަ ދޯދިޔާކަންތައްތައް ހުރުމުންނެވެ. ގެސްޓް ހައުސްގެ ވިޔަފާރި ބޮޑަށް އަމާޒުކުރެވޭނީ މެދުފަންތީގެ ނުވަތަ އާދައިގެ ފަތުރުވެރިންނަށް ކަަމށްވާތީ، އެތެރޭގެ އުދުހުންތައް ހަރުދަނާކުރުމުގެ އިތުރުން، ދިވެހިރާއްޖެއަށް ބަޖެޓް އެއަރލައިންތައް އުދުހޭނޭ އިންތިޒާމްތައްވެސް ހަމަޖައްސަންޖެހެއެވެ. ގެސްޓްހައުސްގެ ވިޔަފާރި ހިންގުމާ ގުޅޭ އެންމެހައި ކަންކަން ފަހިކޮށް ދެވިއްޖެނަމަ ހަމަ ޔަޤީނުންވެސް ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅުގެ ބިސް ކާންލިބޭނީ ހަމައެކަނި މަދު މަހުޖަނުންކޮޅަކަށް އެކަންޏެއްނޫނެވެ. އެބިހުގެ ރަހަބަލައިލުމުގެ ފުރުޞަތު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބޭނެއެވެ.     

No comments:

Post a Comment