Sunday, 28 April 2013

ވޯޓުދިނުމުގެ ޙައްޤާއި ޒިންމާ



އެމީހަކު އިޚުތިޔާރުކުރާ ފަރާތަކަށް ވޯޓުދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ޙައްޤެކެވެ. ނަމަވެސް، ކޮންމެ ޙައްޤަކާއެކުވެސް ޒިންމާއެއް ނުވަތަ ޒިންމާތަކެއްވެއެވެ.  ވޯޓުދިނުމުގެ ޙައްޤުގެ ބޭނުން އަޅުގަނޑުމެން ހިފަނީ ޒިންމާދާރުކަމާއެކުގައި ބާވައެވެ؟ 2004 ވަނަ އަހަރުގެ ފަހު ކޮޅު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިންކުރި ދުވަސްވަރު އަޅުގަނޑު ތާއީދުކުރި ކެނޑިޑޭޓަކު ހޮވަން ފަސް ރަށެއްގެ ގާތްގަނޑަކަށް ހުރިހާ ގޭބިސީއަކަށް ވަދެ ވޯޓުދިނުމުގެ ޙައްޤާއި ޒިންމާގެ ވާހަކަ ދެއްކީމެވެ. ނަމަވެސް، އޭރު އެވާހަކައަކީ އެހާ ވިކޭ ވާހަކައަކަށްނުވިއެވެ. އޭގެ ނުވަ އަހަރު ފަހުން މިއަދުވެސް އަޅުގަނޑުމެން ވޯޓުދިނުމުގައި ޢަމަލުކުރާ އުޞޫލުތަކަށް މާބޮޑު ބަދަލުތަކެއް އައިކަމަކަށް ނުފެނެއެވެ. ވޭތިވެދިޔަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނެއްގައިވެސް ބައެއް މީހުން އެމީހުންގެ ވޯޓު ފަސްސަތޭކަ ރުފިޔާއަށް ނުވަތަ ފަތި ޓީވީއަކަށް ވިއްކާލިވާހަކަ ދެކެވެއެވެ. ވޯޓު ދިނުމުގައި އަދިވެސް އަޅުގަނޑުމެންނަށް ބޮޑަށް ބެލެވެނީ ތިމާއަށް އެންމެ ބޮޑު މާއްދީ ފައިދާއެއް ލިބެން އޮތްގޮތަކަށް ވޯޓު ދިނުމަށެވެ. 

ނަމަވެސް، ވޯޓުދިނުމުގެ ޙައްޤާއި ޒިންމާއާމެދު ކޮންމެވެސް ވަރަކަށް ޢާންމުން ދަނީ ހޭލުންތެރިވަމުންނެވެ. މިސާލަކަށް، ދާދި ފަހުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ބ.އަތޮޅުގެ ކުޑަ ރަށަކަށް ޒިޔާރަތްކުރެއްވި ދުވަހު އެރަށަށް ނިސްބަތްވާ ފޭސްބުކް ގްރޫޕެއްގައި އެރަށުގެ ޒުވާނަކު ސުވާލުކޮށްފައިވެއެވެ. "އަންނި ރަށަށް ކޮށްދޭންބުނީ ކޮންކަމެއްތަ؟" މިކޮމެންޓަށް އެގްރޫޕުގައި އެހެން ޒުވާނަކު ދީފައިވާ ޖަވާބުގައި ބުނެފައިވަނީ މިފަދައިންނެވެ. "ކޮންމެހެން ވަކިރަށަކަށް ވަކިކަމެއްކޮށްދޭން ބުނުމުގެ ބަދަލުގައި އަހަރެމެން ބަލަންޖެހޭނީ މުޅި ދިވެހިރާއްޖެއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދޭން ބުނާ ފަރާތަކަށެވެ." ތެދުވާހަކައެކެވެ. އަތޮޅުތެރޭގެ ގިނަރަށްރަށް އޮތީ ޢުމުރާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ވަރަށް ޙާލުގައެވެ. އެރަށްރަށުގެ ޢާންމު ރައްޔިތުން ދިރިއުޅެމުންދަނީ އެއަށްވުރެ އަދި ނިކަމެތި ޙާލުގައެވެ. ގިނަ ރަށްރަށަށް ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވެއެވެ. ރަށްރަށުގެ ސިއްޙީ މަރުކަޒުތައް ހުރީ ހަމަ ނަމަކަށެވެ. ވުމާއެކު، އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުމީހާއަށް އެންމެ އިސްކަމެއް ދެވޭނީ އެރަށުގެ ބަނދަރު ހެދުމަށާއި، އެރަށުގެ ޞިއްޙީ މަރުކަޒަށް ރަނގަޅު ޑޮކްޓަރެއް ހޯދުމަށެވެ. މިކަންކަން ފުރިހަމަކޮށްދޭ ފަރާތަކަށް އޭނާ ވޯޓުދިނުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. 

ނަމަވެސް، ރިޔާސީ ކެނޑިޑޭޓުން ހުށަހަޅާ ސިޔާސަތުތަކަކީ ޤައުމީ ފެންވަރުގައި އެ ސިޔާސިތުތައް ތަންފީޒުކުރުމުން އޭގެ ފައިދާ ސީދާ ރައްޔިތުމީހާއަށް ފޯރާފަދަ ސިޔާސަތުތަކަކަށް ހެދިދާނެއެވެ. މިސާލަކަށް، ދަތުރުފަތުރުގެ ނިޒާމާއި، އާސަންދައިގެ ޚިދްމަތަކީ ކޮންމެ ރަށެއްގެ ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭނޭ ޚިދުމަތްތަކެވެ. މިފަދަ ޚިދުމަތްތައް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށް ފެނެއެވެ.  މިފަދަ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ، ދެމެހެއްޓެނިވި ގޮތެެއްގައި ރައްޔިތުންނަށް ލިބިގެން ދިޔުމަކީ ރައްޔިތުންގެ އެދުމަކަށް ވާނޭކަން ޔަޤީނެވެ.  ވުމާއެކު، މިފަދަ ސިޔާސަތުތަކަކީ ރައްޔިތުންނަށް އެސިޔާސަތުތައް އޮޅުންފިލުވައިދީގެން ވޯޓު ހޯދިދާނޭ ސިޔާސަތުތަކެކެވެ.

ރައްޔިތުމީހާގެ ވޯޓުދިނުމުގެ ޙައްޤު އޭނާ ޒިންމާދާރުކަމާއެކު އަދާކުރާކަން ޔަޤީން ކުރުމަކީ އެތައް ފަރާތެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސަތުތައް ސާފުސީދާކޮށް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހެއެވެ. މީޑިއާއިން ވަކި ފަރާތަކަށް ނުޖެހި ސިޔާސީ ފަރާތްތަކުން ހުށަހަޅާ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ސިޔާސީ ކަންތައްތަކަށާއި، އިންތިޚާބާއި، ވޯޓުދިނުމާގުޅޭ އެންމެހައި ކަންކަމާމެދު ރައްޔިތުން ހޭލުންތެރިކުރަން ޖެހެއެވެ. ރައްޔިތުމީހާ، މިހުރިހާ ފަރާތްތަކުގެ އަޑުއަހައި ޒިންމާދާރުކަމާއެކު އޭނާގެ ވޯޓުދިނުމުގެ ޙައްޤު ބޭނުންކުރަން ޖެހެއެވެ. 

Saturday, 6 April 2013

ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުމީހާއަށް!



ފަތުރުވެރިކަން ދިރުވައި އާލާކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ފަތުރުވެރިކަމާ، އެކަމާގުޅިފައިވާ އެހެނިހެން އިޤްތިޞާދީ ޙަރަކާތްތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމެވެ. މިކަންކުރެވޭނީ ފަތުރުވެރިކަމުގެ ޒަރީޢާއިން ވަޒީފާގެ ފުރުޞަތުތަކާއި، ޤައުމަށް ވަންނަ އަދި ދައުރުވާ ބޭރުގެ ފައިސާގެ މިންވަރު އިތުރުކޮށްގެންނާއި، ރައްޔިތުންނަށް ލިބޭ އާމުދަނީ އިތުރުކޮށްގެންނެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމާބެހޭ މާހިރުން ވިދާޅުވާގޮތުން، ފަތުރުވެރިކަމުގެ ޙަރަކާތްތަކުގައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނަމަ، އަދި ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ހަމަހަކަމާއެކުނުލިބޭނަމަ، ފަތުރުވެރިކަމުގެ ކާމިޔާބީއާއިމެދު ސުވާލުއުފައްދާނޭ ޖާގައޮންނާނެއެވެ. މިއުޞޫލުން ބަލާއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީއާމެދު ސުވާލުއުފެއްދިދާނެއެވެ. 

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރު ފުރިގެންދާއިރު، މިފެންނަނީ މަދުދިވެހިންކޮޅަކާއި، ބޭރުގެ ފަރާތްތައް އެދާއިރާ ކޮންޓްރޯލްކުރަމުންދާތަނެވެ. ދާދިފަހަކާއި ޖެހެންދެން ރިސޯރޓްތައް ޤާއިމްކުރެވިފައިވަނީ މާލެއަތޮޅާއި، މާލެއާއިކައިރި އަތޮޅުތަކުގައެވެ. ރިސޯރޓްތަކުގެ ވަޒީފާތައް ދިވެހިންނަށްވުރެ ބިދޭންސީންނަށް ފައްސެވެ. އަދި ބައެއް ރިސޯރޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ލިބޭ ޚިދްމަތްތަކަށްވުރެ ރަނގަޅު ފެންވަރުގެ ޚިދްމަތްތައް ބިދޭސީންނަށް ލިބެއެވެ. ރިސޯރޓްތަކަށް ލިބޭ ފައިދާއާއި، މުވައްޒަފުންކުރާ މަސައްކަތާއަޅާބަލާއިރު، މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބެއެވެ. ރިސޯރޓްތަކުގެ ވަށައިގެންވާ މީހުން ދިރިއުޅޭ ރަށްރަށަށް ރިސޯރޓްތަކުން އެކަށީގެންވާވަރަށް އަޅާލާ، އެރަށްރަށުގެ ތަރައްޤީގެ ބައިވރިންގެ ގޮތުގައި ރިސޯރޓްތައް ޙަރަކާތްތެރިވާތަނެއް ނުފެނެއެވެ. ބައެއް ރިސޯރޓްތަކަށް ވަންނަ ބޭރުފައިސާ އެންމެ ސިކުންތަކުވެސް ރާއްޖޭގައި ހަރުނުލާ ސީދާގޮތެއްގައި ދަނީ ބޭރަށެވެ. ވީމާ، ހަމަ ޔަޤީނުންވެސް ރިސޯރޓްތައް ހިންގައިގެނެއް ފަތުރުވެރިކަމުގެ އިޤްތިޞާދީ ފައިދާ އެންމެނަކަށް ނުލިބެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އދާކުރާނޭކަމަކެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީވުމުގައި މުހިންމު ދައުރެއް އަދާކުރާނޭކަމެއްވެސްމެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހިންގުން ހުއްދަކުރެވުނުފަހުން މިވޭތިވެ ދިޔަ ދެތިން އަހަރުދުވަހުގެ ތެރޭގައި 20 ރަށެއްގައި ރަޖިސްޓްރީކޮށްގެން ހިންގާ 91 ގެސްޓްހައުސް އެބަހުރިކަމަށްވެއެވެ. މީގެ ތެރެއިން އެއްރަށުގައި މިހާރުވެސް 274 އެނދު އެބަހުއްޓެވެ. އަދި މިއަހަރު ނިމޭއިރު އެރަށުގައި އެކަނި 438 އެނދު ހުންނާނޭކަމަށް ލަފާކުރެވެއެވެ. ރާއްޖޭގައި ހިންގާ ބޮޑު ރިސޯރޓެއްގައިވެސް އެނދު ހުންނާނީ މިހައިކަށްވަރަށެވެ. މީގެ ނަތީޖާއަކީ، ގެސްޓް ހައުސްތަކުގެ ސަބަބުން ރަށްރަށުގައި ވަޒީފާތަކާއި، އަދި އެހެނިހެން ތަފާތު ކުދި ވިޔަފާރިތައް ހުޅުވިގެން ދިޔުމެވެ. ރަށްރަށުގައި ދިރިއުޅޭ އެންމެ އާދައިގެ ރައްޔިތުމީހާއާ ހަމައަށްވެސް ޑޮލަރު ވާޞިލުވުމެވެ.

ނަމަވެސް، ގިނަ ގެސްޓްހައުސްތައްވެސް ޤާއިމްކުރެވޭތަން އަދި މިފެންނަނީ މާލެއާއި ކައިރި ހިސާބުތަކުގައެވެ. ވީމާ، ހަމަހަމަކަމާއެކު ފަތުރުވެރިކަމުގައި ރައްޔިތުން ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ފަތުރުވެރިކަމުގެ ފައިދާ ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުވާދިނުމުގައި ދަތިތަކެއް އެބަހުއްޓެވެ. ގެސްޓް ހައުސް ހިންގުމުގެ ސިޔާސަތުތަކުގެ ތެރެއިން މިކަމަށް މަގުފަހިކޮށްދޭންޖެހެއެވެ. މިސާލަކަށް، މިއިޤްތިޞާދީ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނޭގޮތް ހެދުމަށް މި ވިޔަފާރިއާގުޅޭ އެންމެހާ ކަންކަން އިތުރަށް ހަރުދަނާކުރަންޖެހެއެވެ. މިސާލަކަށް، ހއ. އަތޮޅުގެ ތުރާކުނުގައި ގެސްޓް ހައުސެއް ހަދާ ހިންގާނަމަ، އެތަނަށް ގެސްޓަކު ދިޔުމަށް ކުރަންޖެހޭ ދަތުރު ފަތުރުގެ ޚަރަދު ބޮޑުކަމުން އެއީ ކުރެވޭވަރުގެ ކަމަކަށްނުވެދާނެއެވެ. އެއީ، ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިންގެ ޓިކެޓަށް ދެގުނަ ޚަރަދުކުރަންޖެހުން ފަދަ ދޯދިޔާކަންތައްތައް ހުރުމުންނެވެ. ގެސްޓް ހައުސްގެ ވިޔަފާރި ބޮޑަށް އަމާޒުކުރެވޭނީ މެދުފަންތީގެ ނުވަތަ އާދައިގެ ފަތުރުވެރިންނަށް ކަަމށްވާތީ، އެތެރޭގެ އުދުހުންތައް ހަރުދަނާކުރުމުގެ އިތުރުން، ދިވެހިރާއްޖެއަށް ބަޖެޓް އެއަރލައިންތައް އުދުހޭނޭ އިންތިޒާމްތައްވެސް ހަމަޖައްސަންޖެހެއެވެ. ގެސްޓްހައުސްގެ ވިޔަފާރި ހިންގުމާ ގުޅޭ އެންމެހައި ކަންކަން ފަހިކޮށް ދެވިއްޖެނަމަ ހަމަ ޔަޤީނުންވެސް ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅުގެ ބިސް ކާންލިބޭނީ ހަމައެކަނި މަދު މަހުޖަނުންކޮޅަކަށް އެކަންޏެއްނޫނެވެ. އެބިހުގެ ރަހަބަލައިލުމުގެ ފުރުޞަތު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބޭނެއެވެ.     

Sunday, 17 March 2013

ރައްޔިތުންނާއި ބީރައްޓެހި، ޙާލަތާ ނުގުޅޭ ވަޢުދުތައ

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ސިޔާސީމީހުން ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވިއްކަނީ ތަފާތު ސިޔާސީ ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކެވެ. ރައްޔިތުން އިންތިޚާބުތަކުގައި ވޯޓުދެނީ މިދެންނެވި ސިޔާސަތުތައް ކިރާ ވަޒަންކުރުމަށްފަހު އެންމެ ރަނގަޅު ސިޔާސަތުތައް ހުށަހަޅާ ފަރާތަކަށެވެ.  ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންނަށް ސިޔާސީ ފަރާތްތަކުން އެމީހުންގެ ސިޔާސަތުތަކާއި ވަޢުދުތައް ހުށަހަޅާތަން ފެނިފައިވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވެގެން އައި ދުވަސްވަރެވެ. ރައްޔިތުންނަށް ކަންތައްތަކެއްކޮށްދޭން ވަޢުދުވުމާމެދު ރައްޔިތުން ދެކޭގޮތް ވޭތިވެ ދިޔަ ފަސްވަރަކަށް އަހަރުތެރޭވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރައްޔިތުން މިހާރު ވަޢުދުތަކާވަރަށް ރައްޓެއްސެވެ. ނަމަވެސް، ސިޔާސީ ފަރާތްތަކުން ވަޢުދުތައްފުއްދާނެކަމާމެދު ރައްޔިތުން އަދިވެސް ފުރިހަމައަށް ޢިތުބާރުކުރެއެކޭ ނުދެންނެވޭނެއެވެ.
މިދުވަސްވަރަކީ އަނެއްކާވެސް ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ވަޢުދުވުމުގެ މޫސުމެވެ. މިއަހަރު ސެޕްޓެމްބަރމަހު އޮންނަ ރިޔާސީ ރޭހަށް ނިކުންނަވާފައިވާ ސިޔާސީ ފަރާތްތަކާއި ނިކުތުމުގެ މަގުކޮށްޓަވަމުން ވަޑައިގަންނަވާ ބައެއް ސިޔާސީ ފަރާތްތަކުންދަނީ އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރައްވައި، ވަޢުދުތައްވެވަޑައިގަންނަވަމުންނެވެ. ނަމަވެސް، މީގެ ތެރެއިން ބައެއް ވަޢުދުތައް ފެންނަނީ ރައްޔިތުންނާ ބީރައްޓެހި، ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ނުގުޅޭ ވަޢުދުތަކެއްގެ ގޮތުގައެވެ. އޭގެތެރެއިން މިވޭތިވެދިޔަ ހަފުތާތަކުގެތެރޭގައި މީޑިޔާތަކުގައި ރިޕޯރޓްކޮށްފައިވާ މިފަދަ ސިޔާސަތުތަކަށް އަލިއަޅުވާލާނަމެވެ.

ދިވެހިރާއްޖެއިން ތެޔޮ ހޯދުން
ދިވެހިރާއްޖެއިން ތެޔޮ ހޯދާދޭނެކަމަށް ރިޔާސީ ރޭހުގައި ވާދަކުރައްވާ ދެކެނޑިޑޭޓަކު މިހާރުވަނީ ހާމަކުރައްވާފައެވެ. ދިވެހިރާއްޖޭގެ ކަނޑުތަކުން ތެޔޮ ހޯދިދާނެއެވެ. ނަމަވެސް، ސުވާލަކީ އެކަމަށް ހޭދަކުރަންޖެހޭ ވަގުތާއި، ވަޞީލަތްތަކަށް ބަލާއިރު މިކަމަކީ އިޤްތިޞާދީގޮތުން މިވަގުތުކުރަން އެންމެ ފައިދާހުރި މަސައްކަތްބާވައެވެ. ތެޔޮ ހޯދުމާއި، ތެލުގެ ވިޔަފާރިއާ ދެކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެކަމަކީ ވަރަށް ބޮޑު 'އޮޕޮޗުނިޓީ ކޮސްޓެއް' ހިމެނޭ ކަމެކެވެ. ތެލަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވިދާނެ އިޤްތިޞާދީ ޙަރަކާތެއްނޫނެވެ. ނަތީޖާއެއްގެ ގޮތުން ތެޔޮނަގާ މަޝްހޫރު ޤައުމުތަކުންވެސް މިހާރުދަނީ އެހެނިހެން  އިޤްތިޞާދީ ވަޞީލަތްތަކަށް ލޯއަޅަމުންނެވެ. ހަމަމިފަދައިން، ތެޔޮ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ބަރޯސާވުން ކުޑަކޮށް އިޔާދަކުރެވެނިވި ހަކަތައަށް ދުނިޔޭގެ އެކިއެކި ޤައުމުތަކާއި، އިންޑަސްޓްރީތައް އަދި ވަކިވަކި ވިޔަފާރިތައްވެސް ދަނީ ދީއްލައިލަމުންނެވެ. ދިވެހިރާއްޖެއަކީ، ނާޒުކު އަޤްތިޞާދަކާއި، ތިމާވެއްޓެއްއޮތް ޤައުމަކަށްވާއިރު ދިވެހިރާއްްޖެއިން ތެޔޮ ނެގުމުގެ މަސައްކަތަކީ މިހާރަށްވެސް އަދި ދުރު މުސްތަޤުބަލަކަށްވެސް އެންމެ ފައިދާހުރި ކަމެއްކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އެކަމުގެ ސަބަބުން ޓޫރިޒަމާ މަސްވެރިކަމުގެ ޞިނާޢަތަށް ނޭދެވޭ އަސަރުކުރުމަކީ ވަރަށް ގާތްކަމެކެވެ.

ބެޔަސް ނުބެޔަސް މަސްވެރިންނަށް އާމުދަނީ ލިބޭނެ
ދިވެހި މަސްވެރިންނަކީ ވަރަށް ކެރޭ ހީވާގި ބައެކެވެ. އެމީހުން ބޭނުންވަނީ އެމީހުންކުރާ މަސައްކަތަކުން ދިރިއުޅޭށެވެ. އެމީހުން މަސައްކަތެއްނުކޮށް ސަރުކާރުގެ އެހީގައި ކާލައިގެން ތިބޭކަށް  ބޭނުންވާނޭހެނެއް ހިޔެއްނުވެއެވެ. ވުމާއެކު، އެމީހުން ބޭނުންވާނީ އެމީހުން ބާނާ މަސްކޮޅުކިރި އެކަށީގެންވާ އަގެއްލިބޭގޮތްވުމެވެ. އަދި ބެޔަސްނުބެޔަސް މަސްވެރިންނަށް ސަރުކާރުން ފައިސާދޭގޮތަށް އޮތުމަކީ މަސައްކަތްތެރި، އުުފެއްދުންތެރި އާބާދީއެއް އުފެއްދުމަށް މިކުރާ އުންމީދަށްވެސް އޮތް ހުރަހެކެވެ. ދެންއޮތީ، މަސްވެރިންނަށްދޭ ޑިސެބިލިޓީ އިންސުއަރެންސްގެ ވާހަކައެވެ. މަސްވެރިންނަށް ވަކި ޑިސެބިލިޓީ އިންސްއަރެންސް ސްކީމެއް އޮތުމުގެ ބަދަލުގައި ހުރިހާ ދިވެހިރައްޔިތުންނަށް އޮންނަ މިފަދަ ނިޒާމެއްގެ ތެރެއިން މިކަން ހަމަޖެއްސިދާނެއެވެ. މަސްވެރިންނަށް ދުރު މުސްތަޤުބަލަކަށް ބަލާއިރު ބޭނުންވަނީ ދިވެހިރާއްޖޭގެ ވަޒީފާއަދާކުރާ އެހެނިހެން ފަރާތްތަކަށް ލިބޭ ޕްންޝަން ސްކީމްގެ ފައިދާ އެމީހުންނަށްވެސް ލިބުމެވެެ. އަދި ރަނގަޅު ހެލްތު އިންޝުއަރެންސް ސްކީމެއްގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބުމެވެ.

މަތީ ޘާނަވީގައި ދިވެހި އިސްލާމު ކިޔަވާ ކުދިންނަށް ޢިނާޔަތް ދިނުން
އޭލެވެލްގައި ކިޔަވާ ހުރިހާ ދަރިވަރުން ކަހަލަ ގޮތަކަށް މިހާރުވެސް ދިވެހި، އިސްލާމު މާއްދާތައް ކިޔަވައެވެ. މައްސަލައަކީ، އެ ދަރިވަރުންނަށް އެކަށީގެންވާ ނަތީޖާ ނުނެރެވުމެވެ. ވުމާއެކު، ސިޔާސަތުތައް އަމާޒުކުރެވެންވީ ރަނގަޅު ނަތީޖާ ހޯދާދިނުމަށެވެ. ދަރިވަރުންގެ ކިބައިގައި ދިވެހިވަންތަކަން އަށަގަންނުވާ އެކުދިންގެ ދީނީ ޢަޤީދާ ވަރުގަދަކުރެވޭނީ ހަމައެކަނި އޭލެވެލްގައި ދިވެހި އިސްލާމް ކިޔަވާދީގެނެއްނޫނެވެ. މުޅި ތަޢުލީމީ ނިޒާމުގެ ހުރިހާ ހިސާބަކާއި މަރުޙަލާއެއްގައި މިކަންކަމަށް ސަމާލުކަންދެވިގެންނެވެ. ތައުލީމީ މަންހަޖުގެ ތެރޭގައި ފުރިހަމައަށް މިކަންކަން ހިމަނައިގެންނެވެ. މަތީ ޘާނަވީގައި ކިޔަވާ ދަރިވަރުންގެ ކިބައިގައި އެކުދިން އަމިއްލައަށް އެކުދިން މަތީތައުލީމް ޙާޞިލްކުރާނޭ ދާއިރާތައް ކަނޑައެޅުމުގެ ޤާބިލްކަން ހުންނާނޭކަމަށް ބެލެވިދާނެއެެވެ. އެކުދިންނަށް ޖެހޭނީ މަގުދައްކައިދޭށެވެ.  ވަކިދާއިރާއަކުން ކުރިއަށް ދިޔުމަށް މަޖުބޫރުކޮށްގެން އެކުދިންނަކީ އުފެއްދުންތެރިބަޔަކަށް ހެދުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ހާމަކުރަމުންދާ ސިޔާސަތުތަކުންނާއި، ވެވަޑައިގަންނަވަމުންދާ ވަޢުދުތަކުން އެބޭފުޅުންނަށް ރައްޔިތުންގެ ޙާލަތާއި، ޤައުމަށް ދިމާވެފައިވާ މައްސަލަތައް އެނގޭމިންވަރާއި، އެކަންކަން ޙައްލުކުރުމުގެ ޤާބިލުކަންހުރި މިންވަރާއިމެދު ރައްޔިތުންދަނީ ސުވާލުއުފައްދަމުންނެވެ. ހަވީރު އޮންލައިންގެ 15 މާރޗް 2013 ގައި 'އެކި ދާއިރާތަކުން ޔާމީން ގެންގުޅުއްވާ ތަޞައްވުރާއެކު ކެމްޕެއިން ލޯންޗްކޮށްފި' މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަށް މީހަކު ފޮނުވާފައިވާާ ކޮމެންޓެއްގައިވެއެވެ:
"ރޭގައި ޔާމީނުގެ ވިޝަން ބަލާފައި އަޅުގަޑަށް އިހުސާސްވީ ޔާމީން ގެވިސްނުމާ ފިކުރުމިހިރީ އަހަރެމެން ނިކަމެތި ރައްޔިތުންގެ ފެންވަރުގައި ނުންކަމެވެ. އޭގެ އެއްމިސާލަކީ، ސިއްހީދައިރާ އިސްލާހުކުރުމާބެހޭގޮތުން ވާހަކަދެއްކެވި އިރު ބަލިހާލު ބޮޑުމީހުން ސިންގަޕޫރަށް ގެންދިއުމަށް ހެލްކޮޕްޓަރުގެ އަގު10 ހާސް ޑޮލަރަށް ކުޑަކުރައްވުމުގެ ޚިޔާލަކީ، އަޅުގަޑުމެން އާދައިގެ މީހާގެ ދިރިއުޅުމަށް އެއްވެސް އެދެވޭއަސަރެއްކުރާނޭ ކަމެއްނޫނެވެ. ބަލަ މިއުޅެނީ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ބަލިމީހާ ނުއުފުލިގެން އުޅެނިކޮން މިހާ މަރުވެގެންނެވެ. ނުވަތަ ދަތުރުމަތީގައި ވިހައިގެންނެވެ. ރާއްޖޭގެ ތާރީޚްގައިވެސް 20 މީހުންވެސް މިހާތަނަށް ސިންގަޕޫރަށް އުފުލާފައިނުވަނެއެވެ. އަވާމެންދުރުނުދައްކަވާށެވެ. ގީޕީ އުފަށްދަވައިގެން އާއިލާގެ ހިސްޓްރީބެލެހެއްޓުމުން ސްޕެސިއަލިސްޓުންގެ ވަގުތު ސަލާމަތަވިޔަސް ރަގަޅުފެސިލީޓީސް ނެތުމުން އެމީހުންތިބޭނީ އަތްއއުރާލައިގެންނެވެ." 
ތެދެކެވެ. ރަނގަޅު ވަޢުދުތައްވެ، ސިޔާސަތުތައް އެކުލަވާލެވޭނީ ރައްޔިތުން އުޅެމުންދާ ހާލު ދެނެގަނެގެންނެވެ. އެކަން ދެނެގަނެވޭނީ ރައްޔިތުންނާއި ހަމައަށް ތިރިވެ، ރައްޔިތުމީހާގެ ވިސްނުމުން ވިސްނައިގެންނެވެ. އެމީހާގެ ބޭނުންތަކަށް އަމާޒުނުކުރެވޭ ސިޔާސަތުތަކާއި ވަޢުދުތައްވާނީ ބޭކާރުއެއްޗަކަށެވެ.    

Sunday, 10 March 2013

Interactions between HR and line managers in the implementation of HR practices



Abstract

Based on the human resource management (HRM) devolution literature, this paper explores the interactions between HR and line managers in the implementation of HRM practices in resorts in the Maldives. Data for this study were collected through 21 semi-structured interviews conducted with managerial employees in seven tourist resorts in the Maldives; field observations; and a range of secondary sources. The findings show that there is an interaction effect, as the HR and line managers do not have distinct and independent roles when it comes to HR implementation. HRM practices are enacted as a result of interaction between HR and line managers as they contest and reconcile their interests and roles.  
Paper presented at PERA Conference 19th-21st November 2012, Hervy Bay, Qld, Australia