Sunday 28 April 2013

ވޯޓުދިނުމުގެ ޙައްޤާއި ޒިންމާ



އެމީހަކު އިޚުތިޔާރުކުރާ ފަރާތަކަށް ވޯޓުދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ޙައްޤެކެވެ. ނަމަވެސް، ކޮންމެ ޙައްޤަކާއެކުވެސް ޒިންމާއެއް ނުވަތަ ޒިންމާތަކެއްވެއެވެ.  ވޯޓުދިނުމުގެ ޙައްޤުގެ ބޭނުން އަޅުގަނޑުމެން ހިފަނީ ޒިންމާދާރުކަމާއެކުގައި ބާވައެވެ؟ 2004 ވަނަ އަހަރުގެ ފަހު ކޮޅު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިންކުރި ދުވަސްވަރު އަޅުގަނޑު ތާއީދުކުރި ކެނޑިޑޭޓަކު ހޮވަން ފަސް ރަށެއްގެ ގާތްގަނޑަކަށް ހުރިހާ ގޭބިސީއަކަށް ވަދެ ވޯޓުދިނުމުގެ ޙައްޤާއި ޒިންމާގެ ވާހަކަ ދެއްކީމެވެ. ނަމަވެސް، އޭރު އެވާހަކައަކީ އެހާ ވިކޭ ވާހަކައަކަށްނުވިއެވެ. އޭގެ ނުވަ އަހަރު ފަހުން މިއަދުވެސް އަޅުގަނޑުމެން ވޯޓުދިނުމުގައި ޢަމަލުކުރާ އުޞޫލުތަކަށް މާބޮޑު ބަދަލުތަކެއް އައިކަމަކަށް ނުފެނެއެވެ. ވޭތިވެދިޔަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނެއްގައިވެސް ބައެއް މީހުން އެމީހުންގެ ވޯޓު ފަސްސަތޭކަ ރުފިޔާއަށް ނުވަތަ ފަތި ޓީވީއަކަށް ވިއްކާލިވާހަކަ ދެކެވެއެވެ. ވޯޓު ދިނުމުގައި އަދިވެސް އަޅުގަނޑުމެންނަށް ބޮޑަށް ބެލެވެނީ ތިމާއަށް އެންމެ ބޮޑު މާއްދީ ފައިދާއެއް ލިބެން އޮތްގޮތަކަށް ވޯޓު ދިނުމަށެވެ. 

ނަމަވެސް، ވޯޓުދިނުމުގެ ޙައްޤާއި ޒިންމާއާމެދު ކޮންމެވެސް ވަރަކަށް ޢާންމުން ދަނީ ހޭލުންތެރިވަމުންނެވެ. މިސާލަކަށް، ދާދި ފަހުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ބ.އަތޮޅުގެ ކުޑަ ރަށަކަށް ޒިޔާރަތްކުރެއްވި ދުވަހު އެރަށަށް ނިސްބަތްވާ ފޭސްބުކް ގްރޫޕެއްގައި އެރަށުގެ ޒުވާނަކު ސުވާލުކޮށްފައިވެއެވެ. "އަންނި ރަށަށް ކޮށްދޭންބުނީ ކޮންކަމެއްތަ؟" މިކޮމެންޓަށް އެގްރޫޕުގައި އެހެން ޒުވާނަކު ދީފައިވާ ޖަވާބުގައި ބުނެފައިވަނީ މިފަދައިންނެވެ. "ކޮންމެހެން ވަކިރަށަކަށް ވަކިކަމެއްކޮށްދޭން ބުނުމުގެ ބަދަލުގައި އަހަރެމެން ބަލަންޖެހޭނީ މުޅި ދިވެހިރާއްޖެއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދޭން ބުނާ ފަރާތަކަށެވެ." ތެދުވާހަކައެކެވެ. އަތޮޅުތެރޭގެ ގިނަރަށްރަށް އޮތީ ޢުމުރާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ވަރަށް ޙާލުގައެވެ. އެރަށްރަށުގެ ޢާންމު ރައްޔިތުން ދިރިއުޅެމުންދަނީ އެއަށްވުރެ އަދި ނިކަމެތި ޙާލުގައެވެ. ގިނަ ރަށްރަށަށް ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވެއެވެ. ރަށްރަށުގެ ސިއްޙީ މަރުކަޒުތައް ހުރީ ހަމަ ނަމަކަށެވެ. ވުމާއެކު، އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުމީހާއަށް އެންމެ އިސްކަމެއް ދެވޭނީ އެރަށުގެ ބަނދަރު ހެދުމަށާއި، އެރަށުގެ ޞިއްޙީ މަރުކަޒަށް ރަނގަޅު ޑޮކްޓަރެއް ހޯދުމަށެވެ. މިކަންކަން ފުރިހަމަކޮށްދޭ ފަރާތަކަށް އޭނާ ވޯޓުދިނުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. 

ނަމަވެސް، ރިޔާސީ ކެނޑިޑޭޓުން ހުށަހަޅާ ސިޔާސަތުތަކަކީ ޤައުމީ ފެންވަރުގައި އެ ސިޔާސިތުތައް ތަންފީޒުކުރުމުން އޭގެ ފައިދާ ސީދާ ރައްޔިތުމީހާއަށް ފޯރާފަދަ ސިޔާސަތުތަކަކަށް ހެދިދާނެއެވެ. މިސާލަކަށް، ދަތުރުފަތުރުގެ ނިޒާމާއި، އާސަންދައިގެ ޚިދްމަތަކީ ކޮންމެ ރަށެއްގެ ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭނޭ ޚިދުމަތްތަކެވެ. މިފަދަ ޚިދުމަތްތައް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށް ފެނެއެވެ.  މިފަދަ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ، ދެމެހެއްޓެނިވި ގޮތެެއްގައި ރައްޔިތުންނަށް ލިބިގެން ދިޔުމަކީ ރައްޔިތުންގެ އެދުމަކަށް ވާނޭކަން ޔަޤީނެވެ.  ވުމާއެކު، މިފަދަ ސިޔާސަތުތަކަކީ ރައްޔިތުންނަށް އެސިޔާސަތުތައް އޮޅުންފިލުވައިދީގެން ވޯޓު ހޯދިދާނޭ ސިޔާސަތުތަކެކެވެ.

ރައްޔިތުމީހާގެ ވޯޓުދިނުމުގެ ޙައްޤު އޭނާ ޒިންމާދާރުކަމާއެކު އަދާކުރާކަން ޔަޤީން ކުރުމަކީ އެތައް ފަރާތެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސަތުތައް ސާފުސީދާކޮށް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހެއެވެ. މީޑިއާއިން ވަކި ފަރާތަކަށް ނުޖެހި ސިޔާސީ ފަރާތްތަކުން ހުށަހަޅާ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ސިޔާސީ ކަންތައްތަކަށާއި، އިންތިޚާބާއި، ވޯޓުދިނުމާގުޅޭ އެންމެހައި ކަންކަމާމެދު ރައްޔިތުން ހޭލުންތެރިކުރަން ޖެހެއެވެ. ރައްޔިތުމީހާ، މިހުރިހާ ފަރާތްތަކުގެ އަޑުއަހައި ޒިންމާދާރުކަމާއެކު އޭނާގެ ވޯޓުދިނުމުގެ ޙައްޤު ބޭނުންކުރަން ޖެހެއެވެ. 

No comments:

Post a Comment