Sunday 17 March 2013

ރައްޔިތުންނާއި ބީރައްޓެހި، ޙާލަތާ ނުގުޅޭ ވަޢުދުތައ

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ސިޔާސީމީހުން ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވިއްކަނީ ތަފާތު ސިޔާސީ ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކެވެ. ރައްޔިތުން އިންތިޚާބުތަކުގައި ވޯޓުދެނީ މިދެންނެވި ސިޔާސަތުތައް ކިރާ ވަޒަންކުރުމަށްފަހު އެންމެ ރަނގަޅު ސިޔާސަތުތައް ހުށަހަޅާ ފަރާތަކަށެވެ.  ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންނަށް ސިޔާސީ ފަރާތްތަކުން އެމީހުންގެ ސިޔާސަތުތަކާއި ވަޢުދުތައް ހުށަހަޅާތަން ފެނިފައިވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވެގެން އައި ދުވަސްވަރެވެ. ރައްޔިތުންނަށް ކަންތައްތަކެއްކޮށްދޭން ވަޢުދުވުމާމެދު ރައްޔިތުން ދެކޭގޮތް ވޭތިވެ ދިޔަ ފަސްވަރަކަށް އަހަރުތެރޭވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރައްޔިތުން މިހާރު ވަޢުދުތަކާވަރަށް ރައްޓެއްސެވެ. ނަމަވެސް، ސިޔާސީ ފަރާތްތަކުން ވަޢުދުތައްފުއްދާނެކަމާމެދު ރައްޔިތުން އަދިވެސް ފުރިހަމައަށް ޢިތުބާރުކުރެއެކޭ ނުދެންނެވޭނެއެވެ.
މިދުވަސްވަރަކީ އަނެއްކާވެސް ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ވަޢުދުވުމުގެ މޫސުމެވެ. މިއަހަރު ސެޕްޓެމްބަރމަހު އޮންނަ ރިޔާސީ ރޭހަށް ނިކުންނަވާފައިވާ ސިޔާސީ ފަރާތްތަކާއި ނިކުތުމުގެ މަގުކޮށްޓަވަމުން ވަޑައިގަންނަވާ ބައެއް ސިޔާސީ ފަރާތްތަކުންދަނީ އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރައްވައި، ވަޢުދުތައްވެވަޑައިގަންނަވަމުންނެވެ. ނަމަވެސް، މީގެ ތެރެއިން ބައެއް ވަޢުދުތައް ފެންނަނީ ރައްޔިތުންނާ ބީރައްޓެހި، ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ނުގުޅޭ ވަޢުދުތަކެއްގެ ގޮތުގައެވެ. އޭގެތެރެއިން މިވޭތިވެދިޔަ ހަފުތާތަކުގެތެރޭގައި މީޑިޔާތަކުގައި ރިޕޯރޓްކޮށްފައިވާ މިފަދަ ސިޔާސަތުތަކަށް އަލިއަޅުވާލާނަމެވެ.

ދިވެހިރާއްޖެއިން ތެޔޮ ހޯދުން
ދިވެހިރާއްޖެއިން ތެޔޮ ހޯދާދޭނެކަމަށް ރިޔާސީ ރޭހުގައި ވާދަކުރައްވާ ދެކެނޑިޑޭޓަކު މިހާރުވަނީ ހާމަކުރައްވާފައެވެ. ދިވެހިރާއްޖޭގެ ކަނޑުތަކުން ތެޔޮ ހޯދިދާނެއެވެ. ނަމަވެސް، ސުވާލަކީ އެކަމަށް ހޭދަކުރަންޖެހޭ ވަގުތާއި، ވަޞީލަތްތަކަށް ބަލާއިރު މިކަމަކީ އިޤްތިޞާދީގޮތުން މިވަގުތުކުރަން އެންމެ ފައިދާހުރި މަސައްކަތްބާވައެވެ. ތެޔޮ ހޯދުމާއި، ތެލުގެ ވިޔަފާރިއާ ދެކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެކަމަކީ ވަރަށް ބޮޑު 'އޮޕޮޗުނިޓީ ކޮސްޓެއް' ހިމެނޭ ކަމެކެވެ. ތެލަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވިދާނެ އިޤްތިޞާދީ ޙަރަކާތެއްނޫނެވެ. ނަތީޖާއެއްގެ ގޮތުން ތެޔޮނަގާ މަޝްހޫރު ޤައުމުތަކުންވެސް މިހާރުދަނީ އެހެނިހެން  އިޤްތިޞާދީ ވަޞީލަތްތަކަށް ލޯއަޅަމުންނެވެ. ހަމަމިފަދައިން، ތެޔޮ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ބަރޯސާވުން ކުޑަކޮށް އިޔާދަކުރެވެނިވި ހަކަތައަށް ދުނިޔޭގެ އެކިއެކި ޤައުމުތަކާއި، އިންޑަސްޓްރީތައް އަދި ވަކިވަކި ވިޔަފާރިތައްވެސް ދަނީ ދީއްލައިލަމުންނެވެ. ދިވެހިރާއްޖެއަކީ، ނާޒުކު އަޤްތިޞާދަކާއި، ތިމާވެއްޓެއްއޮތް ޤައުމަކަށްވާއިރު ދިވެހިރާއްްޖެއިން ތެޔޮ ނެގުމުގެ މަސައްކަތަކީ މިހާރަށްވެސް އަދި ދުރު މުސްތަޤުބަލަކަށްވެސް އެންމެ ފައިދާހުރި ކަމެއްކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އެކަމުގެ ސަބަބުން ޓޫރިޒަމާ މަސްވެރިކަމުގެ ޞިނާޢަތަށް ނޭދެވޭ އަސަރުކުރުމަކީ ވަރަށް ގާތްކަމެކެވެ.

ބެޔަސް ނުބެޔަސް މަސްވެރިންނަށް އާމުދަނީ ލިބޭނެ
ދިވެހި މަސްވެރިންނަކީ ވަރަށް ކެރޭ ހީވާގި ބައެކެވެ. އެމީހުން ބޭނުންވަނީ އެމީހުންކުރާ މަސައްކަތަކުން ދިރިއުޅޭށެވެ. އެމީހުން މަސައްކަތެއްނުކޮށް ސަރުކާރުގެ އެހީގައި ކާލައިގެން ތިބޭކަށް  ބޭނުންވާނޭހެނެއް ހިޔެއްނުވެއެވެ. ވުމާއެކު، އެމީހުން ބޭނުންވާނީ އެމީހުން ބާނާ މަސްކޮޅުކިރި އެކަށީގެންވާ އަގެއްލިބޭގޮތްވުމެވެ. އަދި ބެޔަސްނުބެޔަސް މަސްވެރިންނަށް ސަރުކާރުން ފައިސާދޭގޮތަށް އޮތުމަކީ މަސައްކަތްތެރި، އުުފެއްދުންތެރި އާބާދީއެއް އުފެއްދުމަށް މިކުރާ އުންމީދަށްވެސް އޮތް ހުރަހެކެވެ. ދެންއޮތީ، މަސްވެރިންނަށްދޭ ޑިސެބިލިޓީ އިންސުއަރެންސްގެ ވާހަކައެވެ. މަސްވެރިންނަށް ވަކި ޑިސެބިލިޓީ އިންސްއަރެންސް ސްކީމެއް އޮތުމުގެ ބަދަލުގައި ހުރިހާ ދިވެހިރައްޔިތުންނަށް އޮންނަ މިފަދަ ނިޒާމެއްގެ ތެރެއިން މިކަން ހަމަޖެއްސިދާނެއެވެ. މަސްވެރިންނަށް ދުރު މުސްތަޤުބަލަކަށް ބަލާއިރު ބޭނުންވަނީ ދިވެހިރާއްޖޭގެ ވަޒީފާއަދާކުރާ އެހެނިހެން ފަރާތްތަކަށް ލިބޭ ޕްންޝަން ސްކީމްގެ ފައިދާ އެމީހުންނަށްވެސް ލިބުމެވެެ. އަދި ރަނގަޅު ހެލްތު އިންޝުއަރެންސް ސްކީމެއްގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބުމެވެ.

މަތީ ޘާނަވީގައި ދިވެހި އިސްލާމު ކިޔަވާ ކުދިންނަށް ޢިނާޔަތް ދިނުން
އޭލެވެލްގައި ކިޔަވާ ހުރިހާ ދަރިވަރުން ކަހަލަ ގޮތަކަށް މިހާރުވެސް ދިވެހި، އިސްލާމު މާއްދާތައް ކިޔަވައެވެ. މައްސަލައަކީ، އެ ދަރިވަރުންނަށް އެކަށީގެންވާ ނަތީޖާ ނުނެރެވުމެވެ. ވުމާއެކު، ސިޔާސަތުތައް އަމާޒުކުރެވެންވީ ރަނގަޅު ނަތީޖާ ހޯދާދިނުމަށެވެ. ދަރިވަރުންގެ ކިބައިގައި ދިވެހިވަންތަކަން އަށަގަންނުވާ އެކުދިންގެ ދީނީ ޢަޤީދާ ވަރުގަދަކުރެވޭނީ ހަމައެކަނި އޭލެވެލްގައި ދިވެހި އިސްލާމް ކިޔަވާދީގެނެއްނޫނެވެ. މުޅި ތަޢުލީމީ ނިޒާމުގެ ހުރިހާ ހިސާބަކާއި މަރުޙަލާއެއްގައި މިކަންކަމަށް ސަމާލުކަންދެވިގެންނެވެ. ތައުލީމީ މަންހަޖުގެ ތެރޭގައި ފުރިހަމައަށް މިކަންކަން ހިމަނައިގެންނެވެ. މަތީ ޘާނަވީގައި ކިޔަވާ ދަރިވަރުންގެ ކިބައިގައި އެކުދިން އަމިއްލައަށް އެކުދިން މަތީތައުލީމް ޙާޞިލްކުރާނޭ ދާއިރާތައް ކަނޑައެޅުމުގެ ޤާބިލްކަން ހުންނާނޭކަމަށް ބެލެވިދާނެއެެވެ. އެކުދިންނަށް ޖެހޭނީ މަގުދައްކައިދޭށެވެ.  ވަކިދާއިރާއަކުން ކުރިއަށް ދިޔުމަށް މަޖުބޫރުކޮށްގެން އެކުދިންނަކީ އުފެއްދުންތެރިބަޔަކަށް ހެދުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ހާމަކުރަމުންދާ ސިޔާސަތުތަކުންނާއި، ވެވަޑައިގަންނަވަމުންދާ ވަޢުދުތަކުން އެބޭފުޅުންނަށް ރައްޔިތުންގެ ޙާލަތާއި، ޤައުމަށް ދިމާވެފައިވާ މައްސަލަތައް އެނގޭމިންވަރާއި، އެކަންކަން ޙައްލުކުރުމުގެ ޤާބިލުކަންހުރި މިންވަރާއިމެދު ރައްޔިތުންދަނީ ސުވާލުއުފައްދަމުންނެވެ. ހަވީރު އޮންލައިންގެ 15 މާރޗް 2013 ގައި 'އެކި ދާއިރާތަކުން ޔާމީން ގެންގުޅުއްވާ ތަޞައްވުރާއެކު ކެމްޕެއިން ލޯންޗްކޮށްފި' މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަށް މީހަކު ފޮނުވާފައިވާާ ކޮމެންޓެއްގައިވެއެވެ:
"ރޭގައި ޔާމީނުގެ ވިޝަން ބަލާފައި އަޅުގަޑަށް އިހުސާސްވީ ޔާމީން ގެވިސްނުމާ ފިކުރުމިހިރީ އަހަރެމެން ނިކަމެތި ރައްޔިތުންގެ ފެންވަރުގައި ނުންކަމެވެ. އޭގެ އެއްމިސާލަކީ، ސިއްހީދައިރާ އިސްލާހުކުރުމާބެހޭގޮތުން ވާހަކަދެއްކެވި އިރު ބަލިހާލު ބޮޑުމީހުން ސިންގަޕޫރަށް ގެންދިއުމަށް ހެލްކޮޕްޓަރުގެ އަގު10 ހާސް ޑޮލަރަށް ކުޑަކުރައްވުމުގެ ޚިޔާލަކީ، އަޅުގަޑުމެން އާދައިގެ މީހާގެ ދިރިއުޅުމަށް އެއްވެސް އެދެވޭއަސަރެއްކުރާނޭ ކަމެއްނޫނެވެ. ބަލަ މިއުޅެނީ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ބަލިމީހާ ނުއުފުލިގެން އުޅެނިކޮން މިހާ މަރުވެގެންނެވެ. ނުވަތަ ދަތުރުމަތީގައި ވިހައިގެންނެވެ. ރާއްޖޭގެ ތާރީޚްގައިވެސް 20 މީހުންވެސް މިހާތަނަށް ސިންގަޕޫރަށް އުފުލާފައިނުވަނެއެވެ. އަވާމެންދުރުނުދައްކަވާށެވެ. ގީޕީ އުފަށްދަވައިގެން އާއިލާގެ ހިސްޓްރީބެލެހެއްޓުމުން ސްޕެސިއަލިސްޓުންގެ ވަގުތު ސަލާމަތަވިޔަސް ރަގަޅުފެސިލީޓީސް ނެތުމުން އެމީހުންތިބޭނީ އަތްއއުރާލައިގެންނެވެ." 
ތެދެކެވެ. ރަނގަޅު ވަޢުދުތައްވެ، ސިޔާސަތުތައް އެކުލަވާލެވޭނީ ރައްޔިތުން އުޅެމުންދާ ހާލު ދެނެގަނެގެންނެވެ. އެކަން ދެނެގަނެވޭނީ ރައްޔިތުންނާއި ހަމައަށް ތިރިވެ، ރައްޔިތުމީހާގެ ވިސްނުމުން ވިސްނައިގެންނެވެ. އެމީހާގެ ބޭނުންތަކަށް އަމާޒުނުކުރެވޭ ސިޔާސަތުތަކާއި ވަޢުދުތައްވާނީ ބޭކާރުއެއްޗަކަށެވެ.    

Sunday 10 March 2013

އިންޞާފު ޤާއިމްކުރުމާއި ޞުލްޙަމަސަލަސްކަން




ޞުލުޙަމަސަލަސްކަމުގެ ތަޅުދަނޑިއަކީ އިންޞާފު ޤާއިމުކުރުމެވެ. އިންޞާފު ލިބެންޖެހޭ ފަރާތްތަކަށް އިންޞާފު ނުލިބި ކިތަންމެ ވަރަކަށް ޞުލުޙައަށް ގޮވާލިޔަސް އެކަންވުމަށްވުރެ ގާތީ ނުވުމެވެ. ވީމާ، ޢަދުލު އިންޞާފުޤާއިމްކުރުމަކީ މުޖުތަމިޢުގެ ހަމަޖެހުމަށް ނުހަނު ބޭނުންތެރިކަމެކެވެ. 

ޢަދުލު އިންޞާފުގެ ވާހަކަ ދައްކާއިރު މިދުވަސްވަރު އެންމެ ފުރަތަމަ ހިތަށް އަންނަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުގެެ ފަރާތުން އުފުލާފައިވާ ކުށެއްނުކުރާމީހަކު ހިފާ ހައްޔަރުކުރުމަށް އަމުރުކުރުމުގެ ދަޢުވާއާއި އެ ދަޢުވާއާއި ގުޅޭ ޝަރީޢަތުގެ ކަންތައްތަކެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބުނާގޮތުން ޤާނޫނުގެ ކުރިމަތީގައާއި ކޯޓުތަކުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމައެވެ. ކޮންމެ މީހަކުވެސް ޤާނޫނާއި ޚިލާފު ޢަމަލެއްކޮށްފިނަމަ، ޤާނޫނުގެ ދިގުއަތް އެމީހެއްގެ މައްޗަށް ފޯރާނެއެވެ. އެއުޞޫލުން ރައީސް ނަޝީދާއިމެދުވެސް ޢަމަލުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ނަމަވެސް، ރައީސް ނަޝީދާއި މެދު އުފުލިފައިވާ ދަޢުވާއާއި، އެދަޢުވާއާ ގުޅިގެން ކަންކަން ހިންގމުންދާ ގޮތަށް ބަލާލާއިރު އިސްވެ ދެންނެވުނު އުޞޫލުތަކަށް ފުރިހަމައަށް އެބަ އިޙުތިރާމްކުރެވޭބާވައެވެ؟ މިއީ ވަރަށް ގިނަ ޢަދަދެއްގެ ދިވެހިރައްޔިތުންގެ ހިތުގައި މިއަދު އުފެދިފައިވާ ސުވާލަކަށް ވެދާނެއެވެ. 

އިންޞާފުވެރި ޝަރީއަތެއް ޔަޤީންކޮށްދިނުމުގައި ތަޙުޤީޤުގެ މަރުޙަލާއާއި ކޯޓުގެ މަރުޙަލާގައިވެސް ހިނގާ އެންމެހާ ކަންތައްތަކަކީ ޤާނޫނާއި ޤަޥާޢިދާއި އެއްގޮތަށް އިންޞާފުވެރިކޮށް ހިނގާ ކަންކަންކަމަށްވާންޖެހެއެވެ. ރައީސް ނަޝީދުގެ މައްސަލައިގައި އެކި މަރުޙަލާތަކުގައި ހިނގާފައިވާ ކަންތައްތަކާމެދު އެފެދޭ ސުވާލުތައް ވަރަށް ގިނައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އެމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ހަމަ އަމިއްލަ އިޚުތިޔާރުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތިބާވައެެވެ؟ ޕްރޮސއކިއުޓަރޖެނެރަލް އެމައްސަލާގައި ދަޢުވާކޮށްފައިވަނީ އެންމެ އެކަށީގެންވާ ޤާނޫނުގެ ދަށުންބާވައެވެ؟ އެދަޢުވާ ކުރުމުގައި ރައީސް ނަޝީދު ވަކިކަންކަމުން މަޙުރޫމުކުރުމުގެ ވިސްނުމެއް ގެންގުޅޭފައެއް ނުވޭބާވައެވެ؟ އެމައްސަލަ ހުށަހެޅިފައިވަނީ އެންމެ އެކަށީގެންވާ ޝަރުޢީ ކޯޓަށްބާވައެވެ؟ އެކޯޓަކީ ޞައްޙަ ކޯޓެއްބާވައެވެ؟ އެކޯޓުގެ ޞައްޙަކަން ޝަރުޢީ މަރުޙަލާއިން ނިންމީ އިންޞާފުގެ މަގުންބާވައެވެ؟ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗް ކަނޑައެޅީ ޢަދުލުވެރިކޮށް ބާވައެވެ؟ އެމައްސަލަ ބައްލަވާ ޤާޟީން ޢަމަލުކުރަމުން ގެންދަނީ އެންމެ އިންޞާފުވެރިކޮށް ބާވައެވެ؟ މިހުރީ މިމައްސަލައާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކެވެ.

މިމައްސަލާގައި ޕޮރޮސެކިއުޓަރ ޖެނެރަލް ޢަމަލުކުރައްވާފައިވާ ގޮތާއި އަދި މިހާރުވެސް ޢަމަލުކުރަނއްވަމުން ގެންދަވާ ގޮތާއިމެދު ވަރަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. ރައީސް ނަޝީދުގެ މައްސަލަ ކޯޓަށް ފޮނުވާފައިވަނީ މިހާރުގެ ސަރުކާރަށް އެއްބާރުލުންދޭ ފަރާތްތަކުގެ ޕްރެޝަރާހެދިކަމަށް ބެލެވޭނޭ ކަންތައްތަކެއްވަނީ ހިނގާފައެވެ. މިމައްސަލަ ކޯޓަށް ފޮނުވުން ލަސްވެގެން ތަފާތުއެކިއެކި ސިޔާސީ ޕޯޑިއަމްތަކުގައި ޕްރޮސެކިއުޓަރޖެނެރަލް މަޤާމުން ދުރުކުރަންޖެހިދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. އަދި މިމައްސަލަ ކޯޓަށް ފޮނުވާފައިވަނީ އެކަން ލަސްވާތީވެ، ސަރުކާރަށް ތާޢީދުކުރާ އިއްތިޙާދުގެ ބޭފުޅުން ޕްރޮސެކިއުޓަރޖެނެރަލްއާ ބައްދަލުކުރިތާ މާގިނަ ދުވަހެއްނުވަނީހެވެ. އަދި ޑެޕިއުޓީ ޕްރޮސެކިއުޓަރޖެނެރަލަކީ ރައީސް ނަޝީދުގެ ޕާރޓީއަށް ހަމުދަރުދީވާ ފަރާތެއްކަމަށް ތުޙުމަތުކޮށް އޭނާ ވަޒީފާއިން ވަކިކުރުމުގެ ވާހަކަތައްވެސް ރައީސް ނަޝީދާ އިދިކޮޅު ސިޔާސީ ފަރާތްތައް މީޑިއާގައި ދައްކަވާފައިވެއެވެ. މިސަބަބުތަކަށްޓަކައި މިމައްސަލާގައި ޕްރޮސެކިއުޓަރޖެނެރަލަށް ސިޔާސީ ނުފޫޒުތަކެއް ކުރިމަތިވެފައިވާކަމަށް ބެެލެވިދާނެއެވެ.

ދެންއޮތީ ރައީސް ނަޝީދުގެ މައްޗަށް ދަޢުވާކޮށްފައިވާ ޤާނޫނުގެ ވާހަކައެވެ. ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރެވެމުންދާ ޤާނޫނުލް ޢުޤޫބާތަކީ މިހާރުގެ ޙާލަތާގުޅޭ ޤާނޫނުލް ޢުޤޫބާތެއް ނޫންކަމަށް ވަރަށް ގިނަ ކަމާބެހޭ ބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ. ނަތީޖާއެއްގެ ގޮތުން މިޤާނޫނުލް ޢުޤޫބާތު ރައްޔިތުންގެ މަޖިލީހުން މިހާރުގެންދަވަނީ އިޞްލާޙުކުރައްވަމުންނެވެ. އައު ޤާނޫނުލް ޢުޤޫބާތު މިއަހަރުގެ ތެރޭގައި މަޖިލީހުން ފާސްކޮށް ބޭނުންކުރަން ފެށޭނޭކަމަށް ބެލެވެއެވެ. ދެންއޮތީ ރައީސް ނަޝީދުގެ މައްޗަށް ދަޢުވާ އުފުލާފައިވާ މާއްދާގެ ވާހަކައެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުންނަމަ، އެމާއްދާގެ ދަށުން މީހެއްގެ މައްޗަށް ދަޢުވާއެއް ނުކުރާތާ މިހާރު އެތަކެއް އަހަރެއްވެއްޖެއެވެ. ނަމަވެސް، ދައުލަތުންް އެވާހަކަ ދޮގުކުރައްވައެވެ. އެމާއްދާގެ ދަށުން ރައީސް ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ޙުކުމެއް އަތުވެއްޖެނަމަ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުޞަތު ގެއްލޭނެއެވެ. މިމާއްދާގެ ދަށުން މިމައްސަލާގައި ޕްރޮސެކިއުޓަރޖެނެރަލް ދަޢުވާ އުފުއްލެވި މަޤްޞަދާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަނީ މިސަބަބަށްޓަކައެވެ.

ހަމަމިއާއެކު ބައެއް ބޭފުޅުން ސުވާލުއުފައްދާ ދެވަނަ ކަމަކީ ޕްރޮސެކިއުޓަރޖެނެރަލް މިމައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅުއްވި ނިޔަތާމެދުއެވެ. ޕްރޮސެކިއުޓަރޖެނެރަލް ވިދާޅުވާގޮތުންނަމަ، މިމައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވީ މިމައްސަލައަކީ ޖިނާޢީ ކޯޓުގެ އިސް ޤާޟީއާ ގުޅޭ މައްސަލައަކަށްވެފައި ޖިނާޢީކޯޓަށް މިމައްސަލަ ހުށަހަޅައިފިނަމަ އިންޞާފުވެރި ޝަރީއަތެއް ނުހިންގިދާނޭކަމަށް ފެންނާތީއެވެ. ނަމަވެސް، ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންގެ މުސްތަޤިއްލުކަމާބެހޭޭ އ.ދ. ގެ ޚާއްޞާމަމްދޫބު ދާދިފަހުން ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތަކަށް ފަހު ދެއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ، ޕްރޮސެކިއުޓަރޖެނެރަލް އެމައްސަލަ ފޮނުވަންޖެހޭނީ ޖިނާޢީ ކޯޓަށްކަމަށާއި، 'ކޮންފްލިކްޓް އޮފް އިންޓަރެސްޓް' ގެ މައްސަލައަކީ އެމަނިކުފާނު މައްސަލަ ފޮނުއްވުމުގައި ރިޢާޔަތްކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމެއް ނޫންކަމަށެވެ. އެކަމަނާ ވިދާޅުވެފައިވަނީ 'ކޮންފްލިކްޓް އޮފް އިންޓެރެސްޓް' ގެ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމާގުޅޭ ޤާޞީ އެމައްސަލައަކުން ތަނާޒުލްވެވިދާނެއެވެ. މިއީ، ދުނިޔޭގެ 'ބެސްޓް ޕްރެކްޓިސް' ކަމުގައިވެދާނެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ޙާލަތުގައި މިވަރުން ރައްޔިތުންނަށް ޢިތުބާރު ލިބިދާނޭކަމާމެދު ޝައްކެވެ. ވުމާއެކު، ފުރަތަމަ މިމައްސަލަ ހުޅުމާލޭކޯޓަށް ފުނުއްވަން ނިންމެވި ނިންމެވުމަކީ އަޅުގަނދުދެކޭގޮތުގައި މާބޮޑުމައްސަލައެއްނޫނެވެ. ނަމަވެސް، ޕްރޮސެކިއުޓަރޖެނެރަލްގެ ނިންމެވުމާމެދު ސުވާލު އުފެދެނީ އޭގެ ފަހުން ޝަރުޢީ މަރުޙަލާގައި އެކޯޓާމެދުގަޔާއި، އެކޯޓްގެ ފަނޑިޔާރުންގެ ބެންޗް ކަނޑައެޅި ގޮތުން އިންޞާފުވެރި ޝަރީޢަތެއް ނުހިންގޭނޭކަން ޔަޤީންވެވަޑައިގަތުމުންވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީއެވެ.

ރައީސް ނަޝީދުގެ މައްސަލަ ޝަރީޢަތުގެ މަރުޙަލާއަށް ދިޔުމާއެކު ކޯޓުތަކާއި، ކޯޓުތަކުގެ ކަންތައްތަކަށް ފާރަވެރިވުމުގެ ޤާނޫނީ ޒިންމާ އަދާކުރާފަރާތުގެ މުސްތަޤިއްލުކަމާމެދު ސުވާލުއުފެދޭފަދަ އެތައް މައްސަލަތަކެއް މިހާރުވަނީ ފެންމަތި ވެފައެވެ. މިމައްސަލަ ފުރަތަމަ ހުޅުމާލޭ ކޯޓަށް ހުށަހެޅުމުން އެކޯޓް ހިންގެވުމާއި ޙަވާލުވެހުންނެވި ޤާޞީވަނީ، މަތީކޯޓަކުން ވަކިގޮތަކަށް ނުނިންމާހާ ހިނދަކު އެމައްސަލަބެލުމުގެ އިޚްތިޞާޞް ހުޅުމާލޭ މެޖިސްޓްރޭޓްކޯޓަށް ލިބިގެންނުވާކަމަށް ވިދާޅުވެ އެމައްސަލަ އަނބުރާ ފޮނުވާލައްވާފައެވެ. އެމައްސަލަ ބެލުމަށް އެކޯޓުން ނިންމެވީ  އެމައްސަލަބެލުމަށް ހައިކޯޓުން އަމުރުކުރުމުންނެވެ. މިއަމުރާގުޅިގެން މިމައްސަލަ ބެލުމަށް ހުޅުމާލޭ ކޯޓުން ނިންމާ ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި އެމައްސަލަ ބައްލަވާ ބެންޗް އެކުލަވާލާއިރު އޭރު ކޯޓާ ޙަވާލުވެ ހުންނެވި ޤާޟީ ހިމަނުއްވައިގެން ބެންޗް އެކުލަވާލެއްވުމަށް އެޤާޟީ އެދިވަޑައިގެންފައިވާކަމަށް ޖޭ.އެސް.ސީގެ މެމްބަރަކުވަނީ މީޑިއާގައި ހާމަކުރައްވާފައެވެ. ނަަމަވެސް، ކޮމިޝަނުން އެމައްސަލަ ބަލާ ބެންޗް އެކުލަވާލެއްވި އިރު އޭނާ ހިމަނުއްވާފައެއްނުވެއެވެ. އޭގެ ބަދަލުގައި އެބެންޗްގައި ހިމަނުއްވާފައިވަނީ ދިވެހިރާއްޖޭގެ އެކި ހިސާބުތަކުން ހޮވާފައިވާ ތިން މެޖިސްޓްރޭޓެކެވެ. މިބެންޗް ކަނޑައަޅުއްވާފައިވަނީ އެންމެ ޤާބިލް ފަރާތްތަކަށް އިސްކަންދީގެންކަމަށް ޖޭ.އެސް.ސީގެ ނައިބް ރައީސް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފައިވީނަމަވެސް، މިބެންޗްގެ ފަނޑިޔާރުންގެ ތެރޭގައި ޢިލްމީގޮތުންނާއި އަޚުލާޤީ ގޮތުން ދަށް ފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށް އަޑު ފެތުރިފައިވެއެވެ. ޖޭ.އެސް.ސީއިން އިތުރަށް ބުނެފައިވަނީ ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފަިވަނީ ޖުޑީޝަލް ކައުންސިލްގެ ލަފާގެ މަތީންކަމަށެވެ. އެކަމަކު ޖަވާބުބޭނުންވެގެން މިއުޅޭ ސުވާލަކީ ހުޅުމާލޭކޯޓާއި އެކޯޓުގެ ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފައިވަނީ ޤާނޫނއިާ ޤަޥާޢިދާއި، އިންޓަރނޭޝަނަލް މުޢާހަދާތަކާއި ބެސްޓް ޕްރެކޮޓިސްއާ އެއްގޮތަށްތޯއެވެ؟ 

ހުޅުމާލޭ ކޯޓަކީ ޞައްޙަކޯޓެއްކަމަށް ސްޕްރީމްކޯޓުގެ އެންމެ ކުޑަ އަޣުލަބިއްޔަތުންވަނީ ނިންމާފައެވެ. ނަމަވެސް، އެނިންމުން ނިންމުމުގައި 'ނެޗްރަލް ޖަސްޓިސް' ގެ އުޞޫލާއި ޚިލާފުވެފައިވާކަމަށް ބައެއް ޤާނޫނީވަކީލުންވަނީ ވިދާޅުވެފައެވެ. ސަބަބަކީ، އެމައްސަލަ ބެއްލެވި ބެންޗްގައި ސްޕރީމްކޯޓުގެ ފަނޑިޔާރު އަދި ޖޭ.އެސް.ސީގެ ރައީސް އާދަމް މުޙައްމަދު ބައިވެރިވެވަޑައިގެންފައިވާތީވެ، އެއީ 'ކޮންފްލިކްޓް އޮފް އިންޓެރެސްޓް' ގެ މައްސަލައަކަށް ވުމެވެ. އެމައްސަލަ ބެއްލެވި މަޖިލީހުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު މުޢުތަޞިމް ޢަދުނާން ވެސް އެމަނިކުފާނުގެ ރަޢުޔުގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ 'މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤުޥާމީ މުޢާހަދާ' ގެ 14 ވަނަ މާއްދާއާ ޙަވާލާދެއްވާ 'ނެޗްރަލް ޖަސްޓިސް' ގެ އުޞޫލުގެ ވާހަކަ ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ 'ހާދިސާއެއް ހިންގުމަށް ފަހު އުފައްދާ ކޯޓު ނުވަތަ ޢާންމު އުޞޫލާ ޚިލާފަށް އުފައްދާ ބެންޗް ޞައްޙަ ނުވާނޭކަމަށެވެ'. މިކޯޓާއި ބެންޗާ ބެހޭގޮތުން އ.ދ.ގެ ފަނޑިޔާރުންނާއި ޤަނޫނީ ވަކީލުންގެ މުސްތަޤިއްލުކަމާބެހޭ ޚާއްޞަ މަމްދޫބުވެސް ވަނީ،  މިކޯޓާއި، ފަނޑިޔާރުންގެ ބެންޗްގެ ޞައްޙަކަމާމެދު ސުވާލުއުފައްދަވާފައެވެ.

ދެންއޮތީ، މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ މުސްތަޤިއްލުކަމާމެދުގައި އޮތް ސުވާލެވެ. މިހާތަނަށް މިޝަރީޢަތް ހިނގާފައިވާގޮތަށް ބަލާއިރު ފަނޑިޔާރުންގެ ޞައްޙަކަމާމެދު ސުވާލުއުފައްދާނޭ ޖާގަ އެބައޮތެވެ. ކަންތައްތައްވަމުންދާ ގޮަތަށް ބަލާއިރު މިދެންނެވި ފަނޑިޔާރުންގެ ފަރާތުން ފެންނަނީ ރައީސް ނަޝީދުއާއި ޒާތީގޮތުން ޖައްސާލައިގެން އުޅޭފަދަ ގޮތަކަށެވެ. މިސާލަކަށް،  އިންޑިއަން ހައިކޮމިޝަނުން ނިކުމެވަޑައިގަތުމަށްފަހު އަބޫދާބީއަށް ވަޑައިގަތުމުގެ ހުއްދައަކަށް އެމަނިކުފާނު އެދިވަޑައިގަތުމުން ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވަނީ ކޯޓަށް އެއްބާރުލުން ނުދެއްވާތީ ރާއްޖެއިންބޭރަށް ވަޑައިގަތުމުގެ ހުއްދަދެވެންނެތްކަމަށެވެ. އަޅުގަނޑުދެކޭގޮތުގައި ޝަރީޢަތަށް އެއްބާރުލުން ނުދެއްވާނަމަ ކޯޓަށް އެޅޭނޭ ޤާނޫނީ ފިޔަވަޅުތައް ހުންނާނެއެވެ. ކޯޓުންއަޅަންވާނީ އެފަދަ ފިޔަވަޅުތަކެވެ. ރައީސް ނަޝީދަށް ޝަރީޢަތް ހިންގަން ޤާޟީން ބޭނުންވެލައްވާ މިންވަރު އެންމެބޮޑަށް ފާހަގަވެގެންދިޔައީ އެންމެ ފަހުންބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ކަންކަން ހިނގާދިޔަގޮތުންނެވެ. ރައީސް ނަޝީދުގެ މަައްސަލަ ރިޔާސީ އިންތިޚާބުގެ ފަހަށް  ފަސްކޮށްދިނުމަށް ރައީސް ނަޝީދުގެ ޤާނޫނީ ޓީމުންހުށަހަޅުއްވައި، ދައުލަތުން އެކަމަށް އިޢުތިރާޒުނެތްކަން ހާމަކުރެއްވުމުންވެސް، އެގޮތަށް އެކަންކޮށްދެއްވާފައެއް ނުވެއެވެ. ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި މިފަދަ މައްސަލަތަކުގައި ދެފަރާތުން ޝަރީއަތެއް ފަސްކޮށްދޭން އެދުމުން އެކަން އެގޮތަށް ހަމަޖައްސާދެއެވެ. އޭގެ ބަދަލުގައި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލަކު ވިދާޅުވިފަދައިން ޤާޟީން ފެނުނީ ތަކުރާރުކޮށް ދައުލަތުގެ އިޢުތިރާޒެއްއޮތްތޯ ސުވާލުކުރައްވާ އެކަން އެގޮތަށްވިޔަ ނުދިނުމަށް މަސައްކަތްކުރެއްވިތަނެވެ. ފަނޑިޔާރުންގެ މުސްތަޤިއްލުކަމަކީ އިންޞާފު ޤާއިމްކުރުމަށް ވަރަށް މުހިއްމު ކަމަކެވެ.  ހަމައެކަނި ކަރުދާހުގައި  ބަޔާންކޮށްފައި އޮވެގެން  އެފަރާތުގެ މުސްތަޤިއްލުކަން ކަށަވަރެއްނުކުރެވޭނެއެވެ. އެކަން ރައްޔިތުންނަށް ޔަޤީންކޮށްދިނުމަކީ ފަނޑިޔާރުންގެ ކަމެކެވެ. އެކަން ބިނާވެފައި އޮންނާނީ އެފަރާތްތަކުގެ ބަހާއި ޢަމަލުގެ މައްޗަށެވެ.

ރައީސް ނަޝީދުގެ މައްސަލާގައި އިންސާފުވެރި ޝަރީޢަތެއް ހިންގުމަކީ މުޅިދިވެހިރާއްޖެއަށްވެސް އެންމެ ފައިދާހުރިގޮތެވެ. މިއީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް އިޞްލާޙުކުރުމަށްލިބޭ ފުރުޞަތެކެވެ. މިމަގަށްއޮތް ހަމައެކަނި ފުރުޞަތަކީ މިނިޒާމްގައި މައްސަލަތަކެއް ހުރިކަން ޤަބޫލުކޮށް އިޞްލާޙުކުރަން ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމެވެ. ގޮތްދޫނުކޮށް ވަކިމީހަކު ވަކިކަމަކުން މަޙުރޫމްކުރަން މަސައްކަތްކޮށްގެން ގެއްލިގެންދާނީ އެތައްބައެއްގެ ޙައްޤުތަކެވެ. އިންޞާފުޤާއިމުކުރުމުގެ ނަމުގައި ނުވަތަ އިންޞާފުން އެއްކިބާވުމުގެ ސަަބަބުން އެތައް ބައެއްގެ ޙައްްުޤުތައް ގެއްލިގެންދިޔުމަކީ ޞުލްޙަވެރި މުޖުތަމިޢަކަށް އަޅުގަނޑުމެންމިކުރާ އުންމީދުތަކަށް އޮތް ހުރަހަކަށްނޫނީ ނުވާނެއެވެ.