ދުނިޔޭގެ
ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ސިޔާސީމީހުން ވެރިކަމަށް އައުމަށްޓަކައި
ރައްޔިތުންނަށް ވިއްކަނީ ތަފާތު ސިޔާސީ ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ
ސިޔާސަތުތަކެވެ. ރައްޔިތުން އިންތިޚާބުތަކުގައި ވޯޓުދެނީ މިދެންނެވި ސިޔާސަތުތައް
ކިރާ ވަޒަންކުރުމަށްފަހު އެންމެ ރަނގަޅު ސިޔާސަތުތައް ހުށަހަޅާ ފަރާތަކަށެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް
ރައްޔިތުންނަށް ސިޔާސީ ފަރާތްތަކުން އެމީހުންގެ ސިޔާސަތުތަކާއި ވަޢުދުތައް
ހުށަހަޅާތަން ފެނިފައިވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވެގެން
އައި ދުވަސްވަރެވެ. ރައްޔިތުންނަށް ކަންތައްތަކެއްކޮށްދޭން ވަޢުދުވުމާމެދު
ރައްޔިތުން ދެކޭގޮތް ވޭތިވެ ދިޔަ ފަސްވަރަކަށް އަހަރުތެރޭވަނީ ވަރަށް ބޮޑަށް
ބަދަލުވެފައެވެ. ރައްޔިތުން މިހާރު ވަޢުދުތަކާވަރަށް ރައްޓެއްސެވެ. ނަމަވެސް،
ސިޔާސީ ފަރާތްތަކުން ވަޢުދުތައްފުއްދާނެކަމާމެދު ރައްޔިތުން އަދިވެސް ފުރިހަމައަށް
ޢިތުބާރުކުރެއެކޭ ނުދެންނެވޭނެއެވެ.
މިދުވަސްވަރަކީ
އަނެއްކާވެސް ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ވަޢުދުވުމުގެ މޫސުމެވެ. މިއަހަރު
ސެޕްޓެމްބަރމަހު އޮންނަ ރިޔާސީ ރޭހަށް ނިކުންނަވާފައިވާ ސިޔާސީ ފަރާތްތަކާއި
ނިކުތުމުގެ މަގުކޮށްޓަވަމުން ވަޑައިގަންނަވާ ބައެއް ސިޔާސީ ފަރާތްތަކުންދަނީ
އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރައްވައި، ވަޢުދުތައްވެވަޑައިގަންނަވަމުންނެވެ.
ނަމަވެސް، މީގެ ތެރެއިން ބައެއް ވަޢުދުތައް ފެންނަނީ ރައްޔިތުންނާ ބީރައްޓެހި،
ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ނުގުޅޭ ވަޢުދުތަކެއްގެ ގޮތުގައެވެ. އޭގެތެރެއިން
މިވޭތިވެދިޔަ ހަފުތާތަކުގެތެރޭގައި މީޑިޔާތަކުގައި ރިޕޯރޓްކޮށްފައިވާ މިފަދަ
ސިޔާސަތުތަކަށް އަލިއަޅުވާލާނަމެވެ.
ދިވެހިރާއްޖެއިން
ތެޔޮ ހޯދުން
ދިވެހިރާއްޖެއިން
ތެޔޮ ހޯދާދޭނެކަމަށް ރިޔާސީ ރޭހުގައި ވާދަކުރައްވާ ދެކެނޑިޑޭޓަކު މިހާރުވަނީ
ހާމަކުރައްވާފައެވެ. ދިވެހިރާއްޖޭގެ ކަނޑުތަކުން ތެޔޮ ހޯދިދާނެއެވެ. ނަމަވެސް،
ސުވާލަކީ އެކަމަށް ހޭދަކުރަންޖެހޭ ވަގުތާއި، ވަޞީލަތްތަކަށް ބަލާއިރު މިކަމަކީ އިޤްތިޞާދީގޮތުން
މިވަގުތުކުރަން އެންމެ ފައިދާހުރި މަސައްކަތްބާވައެވެ. ތެޔޮ ހޯދުމާއި، ތެލުގެ
ވިޔަފާރިއާ ދެކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެކަމަކީ ވަރަށް ބޮޑު 'އޮޕޮޗުނިޓީ
ކޮސްޓެއް' ހިމެނޭ ކަމެކެވެ. ތެލަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވިދާނެ
އިޤްތިޞާދީ ޙަރަކާތެއްނޫނެވެ. ނަތީޖާއެއްގެ ގޮތުން ތެޔޮނަގާ މަޝްހޫރު
ޤައުމުތަކުންވެސް މިހާރުދަނީ އެހެނިހެން
އިޤްތިޞާދީ ވަޞީލަތްތަކަށް ލޯއަޅަމުންނެވެ. ހަމަމިފަދައިން، ތެޔޮ
ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ބަރޯސާވުން ކުޑަކޮށް އިޔާދަކުރެވެނިވި
ހަކަތައަށް ދުނިޔޭގެ އެކިއެކި ޤައުމުތަކާއި، އިންޑަސްޓްރީތައް އަދި ވަކިވަކި ވިޔަފާރިތައްވެސް
ދަނީ ދީއްލައިލަމުންނެވެ. ދިވެހިރާއްޖެއަކީ، ނާޒުކު އަޤްތިޞާދަކާއި،
ތިމާވެއްޓެއްއޮތް ޤައުމަކަށްވާއިރު ދިވެހިރާއްްޖެއިން ތެޔޮ ނެގުމުގެ މަސައްކަތަކީ
މިހާރަށްވެސް އަދި ދުރު މުސްތަޤުބަލަކަށްވެސް އެންމެ ފައިދާހުރި ކަމެއްކަމަކަށް
ޤަބޫލެއްނުކުރެވެއެވެ. އެކަމުގެ ސަބަބުން ޓޫރިޒަމާ މަސްވެރިކަމުގެ ޞިނާޢަތަށް
ނޭދެވޭ އަސަރުކުރުމަކީ ވަރަށް ގާތްކަމެކެވެ.
ބެޔަސް
ނުބެޔަސް މަސްވެރިންނަށް އާމުދަނީ ލިބޭނެ
ދިވެހި
މަސްވެރިންނަކީ ވަރަށް ކެރޭ ހީވާގި ބައެކެވެ. އެމީހުން ބޭނުންވަނީ އެމީހުންކުރާ
މަސައްކަތަކުން ދިރިއުޅޭށެވެ. އެމީހުން މަސައްކަތެއްނުކޮށް ސަރުކާރުގެ އެހީގައި
ކާލައިގެން ތިބޭކަށް ބޭނުންވާނޭހެނެއް
ހިޔެއްނުވެއެވެ. ވުމާއެކު، އެމީހުން ބޭނުންވާނީ އެމީހުން ބާނާ މަސްކޮޅުކިރި
އެކަށީގެންވާ އަގެއްލިބޭގޮތްވުމެވެ. އަދި ބެޔަސްނުބެޔަސް މަސްވެރިންނަށް
ސަރުކާރުން ފައިސާދޭގޮތަށް އޮތުމަކީ މަސައްކަތްތެރި، އުުފެއްދުންތެރި އާބާދީއެއް
އުފެއްދުމަށް މިކުރާ އުންމީދަށްވެސް އޮތް ހުރަހެކެވެ. ދެންއޮތީ، މަސްވެރިންނަށްދޭ
ޑިސެބިލިޓީ އިންސުއަރެންސްގެ ވާހަކައެވެ. މަސްވެރިންނަށް ވަކި ޑިސެބިލިޓީ އިންސްއަރެންސް
ސްކީމެއް އޮތުމުގެ ބަދަލުގައި ހުރިހާ ދިވެހިރައްޔިތުންނަށް އޮންނަ މިފަދަ
ނިޒާމެއްގެ ތެރެއިން މިކަން ހަމަޖެއްސިދާނެއެވެ. މަސްވެރިންނަށް ދުރު
މުސްތަޤުބަލަކަށް ބަލާއިރު ބޭނުންވަނީ ދިވެހިރާއްޖޭގެ ވަޒީފާއަދާކުރާ އެހެނިހެން
ފަރާތްތަކަށް ލިބޭ ޕްންޝަން ސްކީމްގެ ފައިދާ އެމީހުންނަށްވެސް ލިބުމެވެެ. އަދި
ރަނގަޅު ހެލްތު އިންޝުއަރެންސް ސްކީމެއްގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި
ލިބުމެވެ.
މަތީ
ޘާނަވީގައި ދިވެހި އިސްލާމު ކިޔަވާ ކުދިންނަށް ޢިނާޔަތް ދިނުން
އޭލެވެލްގައި
ކިޔަވާ ހުރިހާ ދަރިވަރުން ކަހަލަ ގޮތަކަށް މިހާރުވެސް ދިވެހި، އިސްލާމު މާއްދާތައް
ކިޔަވައެވެ. މައްސަލައަކީ، އެ ދަރިވަރުންނަށް އެކަށީގެންވާ ނަތީޖާ ނުނެރެވުމެވެ. ވުމާއެކު،
ސިޔާސަތުތައް އަމާޒުކުރެވެންވީ ރަނގަޅު ނަތީޖާ ހޯދާދިނުމަށެވެ. ދަރިވަރުންގެ ކިބައިގައި
ދިވެހިވަންތަކަން އަށަގަންނުވާ އެކުދިންގެ ދީނީ ޢަޤީދާ ވަރުގަދަކުރެވޭނީ
ހަމައެކަނި އޭލެވެލްގައި ދިވެހި އިސްލާމް ކިޔަވާދީގެނެއްނޫނެވެ. މުޅި ތަޢުލީމީ
ނިޒާމުގެ ހުރިހާ ހިސާބަކާއި މަރުޙަލާއެއްގައި މިކަންކަމަށް
ސަމާލުކަންދެވިގެންނެވެ. ތައުލީމީ މަންހަޖުގެ ތެރޭގައި ފުރިހަމައަށް މިކަންކަން
ހިމަނައިގެންނެވެ. މަތީ ޘާނަވީގައި ކިޔަވާ ދަރިވަރުންގެ ކިބައިގައި އެކުދިން
އަމިއްލައަށް އެކުދިން މަތީތައުލީމް ޙާޞިލްކުރާނޭ ދާއިރާތައް ކަނޑައެޅުމުގެ
ޤާބިލްކަން ހުންނާނޭކަމަށް ބެލެވިދާނެއެެވެ. އެކުދިންނަށް ޖެހޭނީ މަގުދައްކައިދޭށެވެ. ވަކިދާއިރާއަކުން ކުރިއަށް ދިޔުމަށް
މަޖުބޫރުކޮށްގެން އެކުދިންނަކީ އުފެއްދުންތެރިބަޔަކަށް ހެދުމަކީ އުނދަގޫކަމަކަށް
ވެދާނެއެވެ.
ސިޔާސީ
ބައެއް ފަރާތްތަކުން ހާމަކުރަމުންދާ ސިޔާސަތުތަކުންނާއި، ވެވަޑައިގަންނަވަމުންދާ
ވަޢުދުތަކުން އެބޭފުޅުންނަށް ރައްޔިތުންގެ ޙާލަތާއި، ޤައުމަށް ދިމާވެފައިވާ
މައްސަލަތައް އެނގޭމިންވަރާއި، އެކަންކަން ޙައްލުކުރުމުގެ ޤާބިލުކަންހުރި
މިންވަރާއިމެދު ރައްޔިތުންދަނީ ސުވާލުއުފައްދަމުންނެވެ. ހަވީރު އޮންލައިންގެ 15
މާރޗް 2013 ގައި 'އެކި ދާއިރާތަކުން ޔާމީން ގެންގުޅުއްވާ ތަޞައްވުރާއެކު ކެމްޕެއިން
ލޯންޗްކޮށްފި' މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަށް މީހަކު ފޮނުވާފައިވާާ
ކޮމެންޓެއްގައިވެއެވެ:
"ރޭގައި ޔާމީނުގެ
ވިޝަން ބަލާފައި އަޅުގަޑަށް އިހުސާސްވީ ޔާމީން ގެވިސްނުމާ ފިކުރުމިހިރީ އަހަރެމެން
ނިކަމެތި ރައްޔިތުންގެ ފެންވަރުގައި ނުންކަމެވެ. އޭގެ އެއްމިސާލަކީ، ސިއްހީދައިރާ
އިސްލާހުކުރުމާބެހޭގޮތުން ވާހަކަދެއްކެވި އިރު ބަލިހާލު ބޮޑުމީހުން ސިންގަޕޫރަށް
ގެންދިއުމަށް ހެލްކޮޕްޓަރުގެ އަގު10 ހާސް ޑޮލަރަށް ކުޑަކުރައްވުމުގެ ޚިޔާލަކީ،
އަޅުގަޑުމެން އާދައިގެ މީހާގެ ދިރިއުޅުމަށް އެއްވެސް އެދެވޭއަސަރެއްކުރާނޭ ކަމެއްނޫނެވެ. ބަލަ މިއުޅެނީ ރާއްޖޭގެ އެއްރަށުން
އަނެއްރަށަށް ބަލިމީހާ ނުއުފުލިގެން އުޅެނިކޮން މިހާ މަރުވެގެންނެވެ. ނުވަތަ ދަތުރުމަތީގައި
ވިހައިގެންނެވެ. ރާއްޖޭގެ
ތާރީޚްގައިވެސް
20 މީހުންވެސް މިހާތަނަށް ސިންގަޕޫރަށް އުފުލާފައިނުވަނެއެވެ. އަވާމެންދުރުނުދައްކަވާށެވެ.
ގީޕީ އުފަށްދަވައިގެން އާއިލާގެ
ހިސްޓްރީބެލެހެއްޓުމުން ސްޕެސިއަލިސްޓުންގެ ވަގުތު ސަލާމަތަވިޔަސް ރަގަޅުފެސިލީޓީސް ނެތުމުން
އެމީހުންތިބޭނީ އަތްއއުރާލައިގެންނެވެ."
ތެދެކެވެ.
ރަނގަޅު ވަޢުދުތައްވެ، ސިޔާސަތުތައް އެކުލަވާލެވޭނީ ރައްޔިތުން އުޅެމުންދާ ހާލު ދެނެގަނެގެންނެވެ.
އެކަން ދެނެގަނެވޭނީ ރައްޔިތުންނާއި ހަމައަށް ތިރިވެ، ރައްޔިތުމީހާގެ ވިސްނުމުން ވިސްނައިގެންނެވެ. އެމީހާގެ ބޭނުންތަކަށް
އަމާޒުނުކުރެވޭ ސިޔާސަތުތަކާއި ވަޢުދުތައްވާނީ ބޭކާރުއެއްޗަކަށެވެ.
No comments:
Post a Comment