Sunday 16 October 2011

ޑިމޮކްރަސީތަ؟ ނުވަތަ ދިމާކުރާތީތަ؟

އިއްޔެއަކީ ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތުގައި އަނެއްކާވެސް އައު ޞަފުޙާއެއް ހުޅުވިގެންދިޔަ ދުވަހެއްގެ ގޮތުގައި ވަރަށް ގިނަ ދިވެހިން ދެކޭކަން ނޫސްތަކުގައިވާ ލިޔުންތަކުންނާއި އެލިޔުންތަކަށް ކިޔުންތެރިން ފޮނުވާފައިވާ ޚިޔާލުތަކުން އެނގެއެވެ. އެއީ އެހާ ތާރީޚީ ދުވަހަކަށްވީ ކުރީގެ ރައީސް އައު ޕާޓީއެއް އުފައްދާ ސިޔާސީ ޙަޔާތެއް އަލުން ފެއްޓެވުމުންކަމަށް ގިނަ ބަޔަކު ދެކެއެވެ. ދެބަސްވެވެން ނެތް ޙަޤީޤަތަކީ ކުރީގެ ރައީސަކީ އަދިވެސް ވަރަށް ގިނަ ދިވެހިން  އެބޭފުޅެއްގެ ވަށައިގެން މުގޯލި އަޅާ ބޭފުޅޭއްކަމެވެ. އަޅުގަނޑު ހަމަ އެކަމާ އެއްބަހެވެ. ނަމަވެސް އަޅުގަނޑަށް އެއްބަސްވާން އުނދަގޫވެގެން މިއުޅެނީ މުޅިން އެހެންކަމަކާއެވެ. އެއީ ކުރީގެ ރައީސް ކުރައްވާ ކަންތައްތަކުގައި ޑިމޮކްރަސީގެ ރޫޙު ހުންނަ މިންވަރާ މެދުގައެވެ. މިފަހަރުގެ ޕާޓީ ހައްދަވަން ޚިޔާލުފުޅުކުރެއްވި ހިސާބުން ފެށިގެން އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ އެއީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި، އެއީ ވަކި މީހެއްގެ ޕާޓީއެއް ނޫންކަމަށާއި، އެއީ އެންމެންގެ ޕާޓީއެއްކަމަށާއި، ޢާއިލީ ޕާޓީއެއްނޫންކަމަށެވެ 
ނަމަވެސް، ޕާޓީގެ ފުރަތަމަ ޖަލްސާ ހިނގާ ދިޔަގޮތުން މިކަންތައްތަކާ މެދު ސުވާލު އުފެދެއެވެ. ފުރަތަމަ ކަމަކީ ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް ހޮވިވަޑައިގަތީ އިއްތިފާޤުންނެވެ. އެހެން އެއްވެސް މީހަކު އެމަނިކުފާނާ ވާދައެއްނުކުރެއެވެ. ދެވަނަކަމަކީ، ޕާޓީގެ އިސް މަޤާމުތަކަށް އެމަނިކުފާނުގެ ޢާއިލާގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ހޮވިވަޑައިގަތުމެވެ. އަދި މިކަންތައްތަކަށްވުރެވެސް ބޮޑަށް ފާހަގަވެގެންދިޔައީ ޕާޓީގެ އަސާސީ ޤަވާޢިދުން ވަގުތީ ރައީސަށް ވަގުތީ ކައުންސިލަށް 3 މެންބަރުން ޢައްޔަނުކުރަން ދީފައިވާ ބާރެވެ. އަޅުގަނޑު ދެކޭ ގޮތުގައި އިސްވެ ލިޔެވިދިޔަ ހުރިހާ ކަންކަމަކީވެސް ޑިމޮކްރަސީގެ ރޫޙާ ޚިލާފް ކަންތައްތަކެވެ. އަޅުގަނޑުގެ ހިތަށް އަންނަނީ  މީގެ ދުވަސްކޮޅެއްކުރިން އަޅުގަނޑުގެ ރައްޓެއްސެއް އަޅުގަނޑުގެ ކައިރީގައި ބުނި ވާހަކައެކެވެ. އޭނާ ބުންޏެވެ. "ކުރީގެ ރައީސަކަށް ޑިމޮކްރަސީ ކިޔާކަށްވެސް ނޭނގޭނެއެވެ. އެހެންވެ އޭނާ ކިޔަނީ ދިމާކުރާތީއެވެ. އަޅުގަނޑު ހަމަ މުޅިން އެއްބަހެވެ. "ކުރީގެ ރައީސްގެ ވާހަކަޔާ ޑިމޮކްރސީއާ އެއް ޖުމުލައެއްގައެއް ނުލިޔެވޭނެއެވެ". 

No comments:

Post a Comment